ގ. ހިޔާރޯދިގޭގައި އަލިފާން ރޯކޮށްލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު، ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މި ގައިދީ ފިލާފައިވަނީ ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި ފިލާފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހުބާނެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ގުދަނެއްގައި ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ޝަހުބާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިހާރު ވަނީ ފޮނުވާފައެވެ. މި ހާދިސާ ހިނގި ދުވަހުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ގުދަނުގައި އަލިފާން ރޯވުމުގެ ކުޑަ މިނެޓްކޮޅެއް ކުރިން ސައިކަލެއްގައި އައި މީހަކު އެގެއަށް ވަދެފައިވެއެވެ. އަދި ގުދަނުގައި އަލިފާން ރޯވެފައިވަނީ އެމީހާ އެގެއިން ނުކުތް ފަހުންނެވެ. އެހެންކަމުން މިއީ ގަސްތުގައި ދިން ގެއްލުމެއް ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
ކޮމެންޓު ފޮނުވާ