ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށް އުފެއްދެވި ޚާއްޞަ ބިއުރޯގެ އިސްވެރިޔަކަށް ޑރ. މާހިދު

ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށް އުފެއްދެވި ޚާއްޞަ ބިއުރޯގެ އިސްވެރިޔަކަށް ޑރ. މާހިދު

Author
އަހުމަދު
21 މެއި 2026 04:50
0

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގާތުން އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަލަށް އުފެއްދެވި ޚާއްޞަ ބިއުރޯގެ އެންމެ އިސްވެރިޔަކަށް، މިނިސްޓަރު ފެންވަރުގައި ޑރ. މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.

މ. ވެލަގަލި، ޑރ. މާހިދު މި މަހުގެ 18 ވަނަ ދުވަހު ޢައްޔަންކުރައްވާފައިވަނީ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް" ގެ މަޤާމަށެވެ. އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް ފަރުމާކޮށްފައިވާ އޮފީހެކެވެ.

މި ބިއުރޯގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. އެގޮތުން، އެކި ޕްލެޓްފޯމްތަކުން ލިބޭ ޝަކުވާތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް މެނޭޖުކުރެވޭނެއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށް މައްސަލަތަކަށް އަވަސް ޖަވާބުދާރީވުމުގެ އިތުރުން، 24 ގަޑިއިރު އޮޕަރޭޓްކުރާ ކޯލް ސެންޓަރެއްވެސް މި ނިޒާމުގެ ތެރެއިން ގާއިމުކުރެވޭނެކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.

މި މުހިންމު މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތް ޑރ. މާހިދަކީ ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން ހިމެނެއެވެ. އަދި މި މަޤާމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް)ގެ ސީއީއޯގެ މަޤާމުގައެވެ.

ޕަބްލިކް ސެކްޓަރ މެނޭޖްމަންޓުން މާސްޓަރސް ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ ޑރ. މާހިދަކީ ކުޅިވަރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނަކީ ކުރީގެ މޮޅު ވޮލީ ކުޅުންތެރިއެއްގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.