1996 ވަނަ އަހަރު އެމެރިކާގެ ދެ މަތިންދާބޯޓެއް ވައްޓާލައި ހަތަރު މީހަކު މަރާލި މައްސަލައިގައި، ކިއުބާގެ ކުރީގެ ރައީސް ރައުލް ކާސްޓްރޯގެ މައްޗަށް އެމެރިކާއިން މީހުން މެރުމުގެ ދައުވާ އުފުލައިފިއެވެ.
މިއީ ކިއުބާއާއި ފްލޮރިޑާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ދަތުރުކުރި "ބްރަދާސް ޓު ދަ ރެސްކިއު" ޖަމާއަތުގެ ދެ ބޯޓެއް ވައްޓާލި ހާދިސާއާ ގުޅިގެން އުފުލި ދައުވާތަކެކެވެ. މި ހާދިސާގައި މަރުވި ހަތަރު މީހުންގެ ތެރޭގައި އެމެރިކާގެ ތިން ރައްޔިތުން ހިމެނޭއިރު، އޭރު ކިއުބާގެ އަސްކަރިއްޔާގެ އިސްވެރިޔަކަށް ހުންނެވި އުމުރުން 94 އަހަރުގެ ކާސްޓްރޯގެ އިތުރުން އެހެން ފަސް މީހެއްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ.
މިއާމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، ކާސްޓްރޯގެ މައްޗަށް މީހުން މެރުމުގެ ހަތަރު ދައުވާއަކާއި ބޯޓު ހަލާކުކޮށްލުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. މީގެ ކޮންމެ ދައުވާއަކަށް މަރުގެ އަދަބު ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އަދި އެމެރިކާ ރައްޔިތުންނަށް ދޭ އަނިޔާތައް ރައީސް ޓްރަމްޕްގެ ސަރުކާރުން ދުވަހަކުވެސް ހަނދާން ނައްތާނުލާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ކާސްޓްރޯ ހައްޔަރުކުރުމުގެ އަމުރެއް މިހާރު ނެރެފައިވީ ނަމަވެސް، އޭނާ އެމެރިކާއަށް ގެންނާނެ ސީދާ ގޮތެއް އޮފިޝަލުން ހާމަކުރައްވާފައެއް ނުވެއެވެ. ކިއުބާގެ މިހާރުގެ ރައީސް މިގޭލް ދިއާޒް ކާނެލް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ އެއްވެސް ގާނޫނީ އަސާސެއް ނެތް ސިޔާސީ ކުޅިވަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ ދިފާއުގައި ކިއުބާގެ ސަރަހައްދުގައި ހިނގި ކަމެއް ކަމަށާއި، އެމެރިކާއިން އުޅެނީ އަސްކަރީ ފިޔަވަޅެއް އެޅުމަށް ބަހަނާއެއް ހޯދަން ކަމަށް ކިއުބާއިން ތުހުމަތުކުރެއެވެ.
ބައެއް މާހިރުން ދެކޭ ގޮތުގައި މިއީ ކިއުބާ ސަރުކާރަށް ޕްރެޝަރުކޮށް މަޝްވަރާގެ މޭޒަށް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތެކެވެ. އަދި މީގެ ކުރިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ރޭވި ފަދަ އަސްކަރީ އޮޕަރޭޝަނެއް ކިއުބާގައި ހިންގަފާނެ ކަމުގެ ބިރުވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ