ހެޔޮ އަގުގައި މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި

ހެޔޮ އަގުގައި މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި

Author
އަހުމަދު
19 މެއި 2026 08:35
0

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށް، ސަރުކާރުން މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ހެޔޮ އަގުގައި ދޫކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތެލުގެ އަގުން ދޭން ފެށި ލުޔާއެކު މިހާތަނަށް 1،832 އުޅަނދަކަށް މި ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މި ބަދަލާއެކު، މާ ބޮޑު ދަތިކަމެއް ނެތި މަސްވެރިންނަށް ކަނޑުތަކަށް ނުކުމެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެސްޓީއޯ އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ލޮޖިސްޓިކްސްގެ ގޮތުން އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ.

އެހެންނަމަވެސް، އެ ދަތިތަކަށް މުޅިން އެޑްރެސް ނުކުރެވުނު ކަމުގައިވިޔަސް، މަސްވެރިންނަށް އުނދަގޫ ނުވާނެ މިންވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. މަސްވެރިންނަށް ތެލުގެ އަގުން ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަކަށްވާއިރު، މިހާރު ހުރި ދަތިތައް ހައްލުކޮށް މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.