ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ދާދިފަހުން ގެނައި އިސްލާހާއެކު، އާ ދައުރުގެ ކައުންސިލަރުން އިއްޔެ ހުވާކުރުމުން އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ. އަދި އަތޮޅުތައް ހިންގުމުގެ ބާރު އެލްޖީއޭއާ ހަވާލުކޮށް، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.
މި ނިންމުމަށް ފާޑުވިދާޅުވަމުން ސުއޫދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 8 ވަނަ ބާބުގައިވާ ގޮތުން އިދާރީ ދާއިރާތައް ހިންގަންވާނީ އަތޮޅުގެ ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ގަސްތުގައި ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށާއި، ގާނޫނުއަސާސީއާ ހިލާފުވި ފަރާތްތަކުގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށް އޭނާ ގޮވާލެއްވިއެވެ.
ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ތިބޭ އަތޮޅު ކައުންސިލްތައް އުވާލާފައިވަނީ އެކަމާ ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އަތޮޅު ކައުންސިލްތަކަކީ އެކަށީގެންވާ ބޭނުމެއް ހުރި ތަންތަން ނޫން ކަމަށާއި، އެ ތަންތަނުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ދަތިވާ ކަމަށެވެ. ރައީސް އޮފީހުން އެލްޖީއޭއަށް އަންގާފައިވާ ގޮތުގައި، މި ބަދަލާއެކު ކުރިން އަތޮޅު ކައުންސިލްތަކުގައި ތިބި މުވައްޒަފުން ދެން ބަދަލުވާނީ އެލްޖީއޭގެ މުވައްޒަފުންނަށެވެ.
ކޮމެންޓު ފޮނުވާ