ގަލްފުގެ ގައުމުތަކާއި ޖޯޑަން ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.
ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި ޖޯޑަން އިން ހުށަހެޅި މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތައް ހިމާޔަތްކުރުމަށް ހުށަހެޅި ގަރާރެކެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލުމުގެ ނިޒާމުތައް ރައްކާތެރިކުރުންވެސް މި ގަރާރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، ރާއްޖެއިން މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނަމަވެސް، މީގެ ސަބަބުން ކަނޑުގެ ގާނޫނުތަކުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިހުތިސޯސަށާއި، ޖަޒީރާ ގައުމަކަށް ލިބިދޭ ހާއްސަ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި މި ނިންމުން ނިންމާފައިވަނީ ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ ހައްގަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ނުޖެހޭގޮތަށް (އިސްތިސްނާވާ ގޮތަށް) ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ކުރިމަތިވެދާނެ ހުރަސްތަކާއި ދަތިތައް ކުޑަކުރުމަށް އިސްކަންދިނުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި ބާރުއަޅަމުންނެވެ.
ކޮމެންޓު ފޮނުވާ