ހުރްމޫޒް ކަނޑުއޮޅި ހުޅުވާލަން މޯދީ ގޮވާލައްވައިފި

ހުރްމޫޒް ކަނޑުއޮޅި ހުޅުވާލަން މޯދީ ގޮވާލައްވައިފި

Author
އަހުމަދު
16 މެއި 2026 10:55
0

އީރާނުގެ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ސަޕްލައި ޗެއިންއާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ކުރު ދަތުރުފުޅެއްގައި، ހުރްމޫޒް ކަނޑުއޮޅި "ހުޅުވާލެވިފައިވާ އަދި ރައްކާތެރި" ތަނެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލައްވައިފިއެވެ. މިއީ އެމަނިކުފާނު ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅުގެ ފެށުމެވެ.

ހުރްމޫޒް ކަނޑުއޮޅިން ގަލްފުގެ ޝިޕިންގ ރޫޓުތަކަށް ބުރޫއެރުމުގެ ސަބަބުން ތެލާއި ގޭހުގެ ބާޒާރުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މީގެ ސަބަބުން އިންޑިއާ ފަދަ ހަކަތަ އިމްޕޯޓުކުރާ ގައުމުތަކަށް ޕްރެޝަރު ބޮޑުވެ، ހުކުރު ދުވަހު އިންޑިއާއިން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން މަޖުބޫރުވެފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ވީޑިއޯއެއްގައި މޯދީ ވިދާޅުވީ، "ހުރްމޫޒް ކަނޑުއޮޅި މިނިވަންކަމާއެކު، ހުޅުވާލެވިފައި އަދި ރައްކާތެރިކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ އެންމެ އިސްކަންދޭ ކަންތައް، އަދި މިކަމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ކަމަށެވެ.

އޮމާންގެ އައްސޭރިފަށުގައި އިންޑިއާގެ ދިދަ ނަގާފައިވާ އުޅަނދަކަށް ހަމަލާދީ ފެތިފައިވާ ކަމަށް ބުރާސްފަތި ދުވަހު އިންޑިއާއިން ބުނެފައިވާއިރު، އެ ހާދިސާއަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވަނީ ސިފަކޮށްފައެވެ.

އަސްކަރީ ޖެޓުތަކުގެ އެހީގައި ޔޫއޭއީގެ ވައިގެ ސަރަހައްދަށް ވަދެވަޑައިގެންނެވި މޯދީއަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. އަދި ހުކުރު ދުވަހު ނެދަލޭންޑްސްއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާނާ ވަނީ ބައްދަލުކުރައްވާފައެވެ.

ޔޫއޭއީއަށް ގިނަގިނައިން ޒިޔާރަތްކުރައްވާ، އަދި 4.5 މިލިއަން އިންޑިއާ މީހުން ދިރިއުޅޭ އެ ގައުމަށް އިޝާރާތްކުރައްވައި މޯދީ ރައީސަށް ދެންނެވީ "އަޅުގަނޑަށް މިއާދެވުނީ އަޅުގަނޑުގެ ދެވަނަ ގައުމަށް" ކަމަށެވެ. އަދި ވައިގެ އަސްކަރިއްޔާގެ އެސްކޯޓަކީ "ޝަރަފެއް" ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެޑްނޮކްގެ ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީގެ ބޮޑު ކުންފުނި އެޑްނޮކްގެ ތެޔޮ ރައްކާކުރާ މިންވަރު އިންޑިއާގައި 30 މިލިއަން ފީފާއަށް އިތުރުކުރުމަށާއި، އިންޑިއާގެ ސްޓްރެޓީޖިކް ރިޒާވްގެ ބައެއްގެ ގޮތުގައި ޔޫއޭއީގެ ފުޖައިރާ ބަނދަރުގައި ސާފުނުކުރާ ތެޔޮ ރައްކާކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ގަންނަ އިންޑިއާއިން އާންމުގޮތެއްގައި އެގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބައި ހޯދަނީ ހުރްމޫޒް ކަނޑުއޮޅިންނެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ މި ކަނޑުއޮޅި ވަރަށް ބޮޑަށް ބަންދުކޮށްފައެވެ.

އީރާނުގެ ހަނގުރާމައިގެ ތެރޭގައި އީރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތަކުގެ އަމާޒަކަށްވެފައިވާ ގަލްފު ސަރަހައްދަކީ އަދިވެސް އިންޑިއާއަށް އެންމެ ގިނައިން ތެލާއި ދިޔާކުރެވިފައިވާ ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފޯރުކޮށްދޭ މައިގަނޑު ސަރަހައްދެވެ.

މޯދީގެ މި ދަތުރުފުޅުގެ އިތުރު މަގުސަދަކީ، ސަރަހައްދުގެ ގުޅުންތަކަށް ބުރޫއަރާފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގެ މެދުގައި އިންޑިއާގެ މަގާމު ވަރުގަދަކުރުމެވެ.

ފަހުން އެމެރިކާއާއި އިސްރާއީލުން އީރާނާ ސީދާ ކުރިމަތިލުމަކަށް ދިޔުމުގެ ކުރިން ގަލްފުގައި ނުތަނަވަސްކަން ބޮޑުވަމުން ދިޔައިރު، މޯދީ އިސްރާއީލަށް ކުރެއްވި ޒިޔާރަތުން ދައްކުވައިދިނީ ސަރަހައްދީ ގުޅުންތަކަށް އަންނަމުންދާ ބަދަލުތަކެވެ.

އިންޑިއާއިން އީރާނާއި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ކޭ.ސީ ސިންގް އޭއެފްޕީއަށް ވިދާޅުވީ "މިހާރު އޮތީ އާ ބައިނަލްއަޤްވާމީ މާހައުލެއް" ކަމަށެވެ.

"ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ތެރޭގައި އުފެދިފައިވާ ރެނދުތަކާއި އީރާނާއި ޔޫއޭއީގެ ފާޅުކަންބޮޑު ކުރިމަތިލުންތަކުގެ ސަބަބުން ޖިއޯޕޮލިޓިކްސް ވަނީ ބަދަލުވެފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ޔުނައިޓެޑް އެރަބް އެމިރޭޓްސް މިހާރު ފާޅުގައި ގުޅެމުންދަނީ އެމެރިކާއާއި އިސްރާއީލާ. ޖީސީސީގެ އެންމެ ބާރުގަދަ އަދި އާބާދީ އެންމެ ބޮޑު މެމްބަރު ކަމަށްވާ ސައުދީ އަރަބިއްޔާއިން އެމެރިކާއާއެކު އޮންނަ ގުޅުން ދަމަހައްޓަމުން، ޕާކިސްތާނާއި، މިސްރާއި އަދި ތުރުކީއާ ވަނީ ގާތްވެފައި."

ބުރާސްފަތި ދުވަހު މޯދީ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ނިއުދިއްލީގައި ބައްދަލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.