މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 10،700 ފްލެޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ތެރެއިން 3،260 ފްލެޓެއްގެ އަމަލީ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މަޝްރޫއުގެ ބާކީ ބަޔަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 540 ޔުނިޓް، އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ޔުނިޓް، ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓް އަދި އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4،000 ހައުސިންގ ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ވަނީ ފައިނަލްވެފައެވެ.
މި ހުރިހާ މަޝްރޫއުތަކެއް އެއްކޮށްލުމުން 10،700 ޔުނިޓް ހަމަވާއިރު، މާލެ ސަރަހައްދުން މިވަގުތު ލިބެން ހުރީވެސް އެ އަދަދަށް ފްލެޓް އެޅޭވަރުގެ ބިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން ބިން ހުރިގޮތުން 12،000 ޔުނިޓް އެޅޭނެކަމަށް ލަފާކުރެވުނު ނަމަވެސް، ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަކީ ފްލައިޓްތައް ޖައްސާ މަގާ ދިމާވާ ސަރަހައްދަކަށް ވުމުން، އެތާނގައި އިމާރާތްކުރެވޭނީ ގިނަވެގެން 14 ބުރިއަށްކަމަށް ވާތީ ޖުމްލަ އަދަދު މަދުވީކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
މިވަގުތު ލިބެން ހުރި ބިންތަކުން 10،700 ޔުނިޓަށްވުރެ އިތުރަށް އިމާރާތް ނުކުރެވުނު ކަމުގައިވިޔަސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާކޮށްގެން އިތުރު ބިންތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ