ސައްހަ ވޯކް ޕާމިޓް އޮތް %98 ބިދޭސީންގެ ބައޯމެޓްރިކްސް ނަގައިފި، ކުރިއަށް އޮތީ ޑީޕޯޓުކުރުން

ސައްހަ ވޯކް ޕާމިޓް އޮތް %98 ބިދޭސީންގެ ބައޯމެޓްރިކްސް ނަގައިފި، ކުރިއަށް އޮތީ ޑީޕޯޓުކުރުން

Author
އަހުމަދު
09 މެއި 2026 05:43
0

ރާއްޖޭގައި ސައްހަ ވޯކް ޕާމިޓެއްގެ ދަށުން ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގައި ނިންމާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް 2024 ވަނަ އަހަރު ފެށި "ކުރަގި" އޮޕަރޭޝަންގެ ދަށުން މައިގަނޑު ގޮތެއްގައި ނަގާފައިވަނީ ކާކުކަން ދެނެގަނެވޭނެ ފަދަ ސާފު ފޮޓޯއަކާއި 10 އިނގިލީގެ ނިޝާނެވެ. ރައީސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ގޮތުގައި، 17 ނޮވެމްބަރު 2023 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މި މައުލޫމާތު ނެގިފައިވަނީ އެންމެ 13 އިންސައްތަ ބިދޭސީންގެއެވެ. ނަމަވެސް މިހާރު ސައްހަ ލިޔެކިޔުން ހުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންގެ މައުލޫމާތު މިވަނީ އެއްކުރެވިފައެވެ.

މި މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެން އެންމެ އިސްކަމެއް ދީގެން ކުރިއަށްދާނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ހާއްސަ މަސައްކަތްތައް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓުކުރަން ފަށާނެކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައިވީ ނަމަވެސް، މިހާތަނަށް މި އޮޕަރޭޝަންގެ ތެރެއިން ޑީޕޯޓުކުރި މީހުންގެ ރަސްމީ އަދަދެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.