ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު 12 ބިލެއް މަޖިލީހަށް ހުށަހަޅަނީ

ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު 12 ބިލެއް މަޖިލީހަށް ހުށަހަޅަނީ

Author
އަހުމަދު
06 މެއި 2026 02:55
0

ދައުލަތުގެ ހިންގުން ހަރުދަނާކޮށް އައު ޤާނޫނުތަކެއް ވުޖޫދުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް މުހިންމު 12 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރާއި ކުރިއަށް އޮތް ދައުރުގެ ތެރޭގައި ހުށަހަޅާ މި ބިލުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޑިޖިޓަލް ދާއިރާއާއި އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0″ ތަސައްވުރުގެ ދަށުން ސައިބަރ ސެކިއުރިޓީއާއި، ޑިޖިޓަލް އައިޑެންޓިޓީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ގުޅޭ ބިލުތަކުގެ އިތުރުން ޑޭޓާ ޕްރޮޓެކްޝަން ބިލެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސައިބަރ ވެށި އަމާންކޮށް، ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމެވެ.

މީގެ އިތުރުން، ޒަމާނާ ނުބައްދަލުކަމަށް ފާހަގަކުރެވޭ އިމިގްރޭޝަން ޤާނޫނާއި ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، މުޅިން އައު ދެ ޤާނޫނެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އަދި ތަޢުލީމުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އޭޖީ އުޝާމް ވިދާޅުވި ގޮތުގައި، ދާދިފަހުން ޤާނޫނުއަސާސީއަށް ގެނެވުނު އެންޓި-ޑިފެކްޝަންގެ އިސްލާހާ ގުޅިގެން، ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ އުސޫލުތައް ހަރުދަނާކޮށް ތަރުތީބުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްވެސް ބަދަލުތަކެއް ގެންނާނެއެވެ.

ސަރުކާރުން ދެން ހުށަހަޅަން ތައްޔާރުވަމުންދާ ބިލުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ ބިލަކާއި، މަރުގެ އަދަބު ތަންފީޒުކުރުމަށް މަގުފަހިކުރާ ޚާއްޞަ ބިލެއް ހިމެނެއެވެ. ހަމައެއާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، މަޖިލިސް މެންބަރުންގެ އަދަދު ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައްވެސް މި ބިލުތަކުގެ ތެރޭގައި ހިމެނޭކަން ބަންޑާރަނައިބު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.