ކަނޑުން ގެއްލުނު ބައި ހޯދުމަށް ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމަކާ ހަވާލުކުރަނީ

ކަނޑުން ގެއްލުނު ބައި ހޯދުމަށް ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމަކާ ހަވާލުކުރަނީ

Author
އަހުމަދު
06 މެއި 2026 02:53
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި އަނބުރާ ހޯދުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުންގެ ޓީމަކާ ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން ރާއްޖެއާއި ބޭރުގެ މާހިރުން އެކުލަވައިލި ޚާއްޞަ ރިޕޯޓެއް ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގެ ލަފާތަކުގެ މައްޗަށް ބިނާކޮށް، ބޭރުގެ ތަޖުރިބާކާރު ވަކީލުންނާ މި މަސައްކަތް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ އިތުރު ތަފުސީލުތައް އާންމުކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ރާއްޖޭގެ ދެކުނުން އޮތް ޚާއްޞަ އިޤުތިޞާދީ ސަރަހައްދުން ބައެއް ގެއްލުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޯސް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅެއްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެއަށް ފައިދާހުރި މުހިންމު ނުކުތާތަކެއް ކޯޓުގައި ފާހަގަކޮށްފައިނުވާކަން ކުރީގެ ބަންޑާރަނައިބު އަދި ކަނޑުތަކާބެހޭ ޤާނޫނުގެ ތަޖުރިބާކާރު ޑރ. މުޙައްމަދު މުނައްވަރު ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިކަމަށް ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާއިރު، ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކުރައްވައި، އެތަން މޮރިޝަސްއާ ހަވާލުކުރުމުގެ ބަދަލުގައި ދިވެހިރާއްޖެއާ ހަވާލުކުރުމަށް އެދިވަޑައިގެން ރައީސް ވަނީ ދާދިފަހުން އިނގިރޭސި ސަރުކާރަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.