ރާއްޖޭގައި ހަލުވިކަމާއެކު ޑެންގީ އާއި ރޯގާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން ގޮވާލައިފި

ރާއްޖޭގައި ހަލުވިކަމާއެކު ޑެންގީ އާއި ރޯގާ ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން ގޮވާލައިފި

Author
އަހުމަދު
30 އޭޕްރިލް 2026 12:31
0

މުޅި ރާއްޖޭގައި އިންފްލުއެންޒާ އާއި ޑެންގީ އަދި އަރިދަފުސް ރޯގާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އޭޖެންސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި ހިނގާ މަހުގެ ނިޔަލަށް ބަލިމަޑުކަން ފެތުރޭ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ. އެގޮތުން ޑެންގީ ހުން ޖެހިގެން 2،183 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި 374 ކޭސްއާ އަޅާބަލާއިރު ނުހަނު ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ އަތޮޅުތެރެއިންނެވެ. އަތޮޅުތެރެއިން 1،813 މީހަކަށް ޑެންގީ ޖެހިފައިވާއިރު، މާލެއިން ރިޕޯޓުކޮށްފައިވަނީ 370 ކޭސްއެވެ. މީގެ އިތުރުން ފާއިތުވި މާޗު މަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް 21،687 މީހަކަށް އަރިދަފުސް ރޯގާގެ ފަރުވާދީފައިވާއިރު، މި ބަލިވެސް އެންމެ ބޮޑަށް ފެތުރެމުންދަނީ އަތޮޅުތެރޭގައެވެ.

މި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ބަލިވެއްޖެނަމަ އެހެން މީހުންނަށް ބަލި ނުފެތުރޭނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަންނަނީ ލަފާދެއްވަމުންނެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ތިން ދުވަހަށްވުރެ ދިގުލައިދާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.