ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް" ގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ.
މިއީ އެއްވެސް އިންޓްރެސްޓަކާ ނުލައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެކެވެ. މި ރަސްމިއްޔާތަށްފަހު، ޗައިނާގެ އެހީގައި ރާއްޖޭގައި މިހާރު ހިންގަމުންދާ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ އިސް މަންދޫބުންގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ