މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިވެވަޑައިގެންފި

މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިވެވަޑައިގެންފި

Author
ހުސައިން
21 އޭޕްރިލް 2026 04:27
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ވަކިވެވަޑައިގެންފިއެވެ.

މި ދެ ކޮމިޓީން ނާޒިމް ވަކިވެވަޑައިގަތީ، އެ ކޮމިޓީތަކުގެ މަސައްކަތަށް ވަގުތު ނުދެއްވޭނެތީ އަމިއްލަފުޅަށް އެދިވަޑައިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީތަކަށް ވަގުތު ހުސްނުކުރެއްވެނީ، ރާއްޖޭގައި ހޯސްޓުކުރާ ކޮމަންވެލްތު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައި އިސްކޮށް އުޅުއްވަން ޖެހިވަޑައިގަތުމާއި، އަންނަ މަހުން ފެށިގެން އަމިއްލަ ބޭނުމަކު ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ. އެހެންކަމުން އެ ދެ ކޮމިޓީއަށް އެހެން މެމްބަރުން އައްޔަންކުރަން އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަކީ މަޖިލީހުގައި އޮންނަ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީއެވެ. މީގެ ތެރެއިން 241 ކޮމިޓީއަކީ ސަރުކާރަށާއި މަޖިލީހަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކޮމިޓީއެކެވެ. ކޮމިޓީން ވަކިވެވަޑައިގަތުމާ ހަމައަށް ނާޒިމްއަކީ މި ދެ ކޮމިޓީގައިވެސް ގިނަ މައްސަލަތަކެއް ހުށަހަޅުއްވައި، އާންމުންގެ ސަމާލުކަމަށް ކަންކަން ގެންނެވުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

މި ބަދަލާއެކު، ނާޒިމް ދެން ހިމެނިވަޑައިގަންނަވާނީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކާ ގުޅޭ ކަންކަން ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.