ސިޔާސީ އެއްވުންތަކުގައި ނަފްރަތު އުފައްދާތީ ފިޔަވަޅު އަޅަން އެޗްއާރްސީއެމްއިން ގޮވާލައިފި

ސިޔާސީ އެއްވުންތަކުގައި ނަފްރަތު އުފައްދާތީ ފިޔަވަޅު އަޅަން އެޗްއާރްސީއެމްއިން ގޮވާލައިފި

Author
ހުސައިން
20 އޭޕްރިލް 2026 10:45
0

މާލޭގައި މިހާރު ކޮންމެ ރެޔަކު ބާއްވަމުން އަންނަ ސިޔާސީ އެއްވުންތަކުގައި މުޖުތަމައުގެ ހަމަޖެހުން ނަގާލައި ނަފްރަތު އުފައްދަމުންދާތީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފް އިން ސަރުކާރާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި މުޒާހަރާތަކެއް ފަށާފައިވާއިރު، މި އެއްވުންތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ. މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް އަދި އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ހުދޫދެއްގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ގޮތަށާއި، މީހުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަދެއްކުމަކީ ގާނޫނުއަސާސީން ދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއްކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޕާޓީތަކުގެ އިސްވެރިންނަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސިޔާސީ ހަރަކާތްތައް އިންތިޒާމުކުރާއިރު އާންމު މަސްލަހަތު އިސްކުރުމަށް ޕާޓީތަކަށް ގޮވާލުމާއެކު، ގަވާއިދާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.