ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ އުޅަނދުތަކަކަށް ބަޑިޖެހުމުން އީރާނުގެ ސަފީރު ހާޒިރުކޮށްފި

ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ އުޅަނދުތަކަކަށް ބަޑިޖެހުމުން އީރާނުގެ ސަފީރު ހާޒިރުކޮށްފި

Author
ޙަސަން މުޙައްމަދު
18 އޭޕްރިލް 2026 11:36
0

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިންޑިއާގެ ދެ އުޅަނދަކަށް އީރާނުގެ އަސްކަރިއްޔާއިން ބަޑިޖެހުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އީރާނުގެ ސަފީރު ހާޒިރުކޮށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ އީރާނުގެ ސަފީރާ ބައްދަލުކުރައްވައި މި ހަމަލާތަކާ މެދު އިންޑިއާއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އަދި އިންޑިއާއަށް މުދާ ހިފައިގެން އަންނަ އުޅަނދުތަކަށް އެ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ވީހާވެސް އަވަހަކަށް ފަހިކޮށްދިނުމަށް ވަނީ އެދިފައެވެ. ޖަވާބުގައި އީރާނުގެ ސަފީރު ވަނީ މި ކަންބޮޑުވުންތައް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ރައްދުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މެދުއިރުމަތީގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާއެކު އިއްޔެ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެނައުމުން މިއަދު އަނެއްކާވެސް އީރާނުން ވަނީ އެ މަގު ބަންދުކޮށްފައެވެ. ކަނޑުދަތުރުތައް މޮނިޓާކުރާ ފަރާތްތަކުން ބުނާގޮތުގައި، އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އިރާގުގެ ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދަތުރުކުރި އިންޑިއާގެ ސުޕަޓޭންކަރެއް ހިމެނޭހެން ދެ އުޅަނދަކަށް ހުރަސްއަޅައި، އެ ސަރަހައްދުން ބޭރަށް ދާން މަޖުބޫރުކުރުވައި ބިރުދައްކާފައެވެ.

ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ ދުނިޔޭގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ އިންޑިއާއަށް މިހާރުވެސް ވަނީ ގޭހުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ ގަންނަ އިންޑިއާއިން ބޭނުންކުރާ ގޭހުގެ 60 އިންސައްތަ އެތެރެކުރަނީ މި ސަރަހައްދުންނެވެ. އީރާނާއެކު އިންޑިއާއިން ޒަމާނުއްސުރެ ގާތް ގުޅުމެއް ބޭއްވި ނަމަވެސް، ފަހަކަށް އައިސް އީރާނުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އިސްރާއީލާއެކުވެސް އިންޑިއާއިން އަންނަނީ ދިފާއީ، ދަނޑުވެރިކަން އަދި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ބަދަހިކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.