ސުކޫކަށް ފައިސާ ދައްކައި، ރަހުނުކޮށްފައި އޮތް ދައުލަތުގެ 4 އިމާރާތެއް ވަނީ ސަލާމަތް ކޮށްފަ: ރައީސް

ސުކޫކަށް ފައިސާ ދައްކައި، ރަހުނުކޮށްފައި އޮތް ދައުލަތުގެ 4 އިމާރާތެއް ވަނީ ސަލާމަތް ކޮށްފަ: ރައީސް

Author
ހުސައިން
18 އޭޕްރިލް 2026 11:13
0

ކުރީގެ ސަރުކާރުން ނަގާފައިވާ 524 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި، ރަހުނުކޮށްފައި އޮތް ދައުލަތުގެ މުހިންމު ހަތަރު އިމާރާތެއް މި ސަރުކާރުން ސަލާމަތްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ، އަމިއްލަ އިގުތިސާދީ ބާރުވެރިކަމާއެކު ދަރަނިތައް ދެއްކުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިން ކަންތައް ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ އަށް ބިލިއަނެއްހާ ރުފިޔާ ދައްކާފައިވަނީ ދައުލަތުގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި އަދި ރައްޔިތުންގެ ބޮލުގައި އިތުރު ބޮޑު ދަރަންޏެއް ނާޅުވައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސުކޫކްގެ މުގާބިލުގައި ކުރީ ސަރުކާރުން ރަހުނުކޮށްފައިވާ ތަންތަނުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ފިނޭންސް މިނިސްޓްރީގެ އިމާރާތާއި، އައިޖީއެމްއެޗް ހުރި ބިމުގެ އިތުރުން އިސްކަންދަރު ސްކޫލް ހިމެނެއެވެ. ރައީސް ވިދާޅުވީ ސްކޫކް ނުދެއްކުނު ނަމަ މި މުހިންމު ތަންތަން ގެއްލުމުގެ ބިރު އޮތް ކަމަށާއި، ނަމަވެސް މިހާރު އެ ހުރިހާ ތަނެއްވެސް ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި ސުކޫކް ނުދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެކަން ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް އެހެން ތަންތަން ރަހުނުކޮށްފައި ނަގާފައިވާ ލޯކަލް ސްކޫކްތަކުގެ މައުލޫމާތުވެސް ހާމަކުރައްވައި، އެތަންތަން ސަލާމަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ދަރަނިތައް ދައްކަމުން ދިޔަ ނަމަވެސް، ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 4 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވި، އެކި މަރުހަލާތަކުގައި މިހާރުވެސް ހިނގަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.