ގެމަނަފުށީ އުފާ ދޯނިން ދެއްވަދޫއަށް 700 ކިލޯ މަސް ހަދިޔާ ކޮށްފި

ގެމަނަފުށީ އުފާ ދޯނިން ދެއްވަދޫއަށް 700 ކިލޯ މަސް ހަދިޔާ ކޮށްފި

Author
ޢަލީ އާދަމް
13 ޖެނުއަރީ 2021 07:03
0

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ގއ. ދެއްވަދޫއަށް އަރާފޭބުން މަނާކުރުމުން އެރަށަށް ކުރިމަތިވެފައިވާ ދަތިތަކަށް އެހީއެއްގެ ގޮތުން ގެމަނަފުށީ އުފާ ދޯނިން މިއަދު ބޭނި މަސް ދެއްވަދޫ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.

ކޯވިޑް ބަލި ފެތުރެން ފެށުމާއެކު ދެއްވަދޫއަށް އަރާފޭބުން މަނާކޮށް ރަށް މޮނިޓަރިންގއަށް ލުމުން އެރަށަށް ގިނަ ކަންތައްތަކެއް ދަތިވެފައި ވާކަމަށް ރަށު ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ރަށުގެ އެއްވެސް ދޯންޏަކަށް މަހަށް ނުފުރޭތީ ރަށަށް މަސް ލިބުން ދަތިވުމާއި، ފުޅީގައި ބަންދުކޮށްފައިހުންނަ ބޯފެނުގެ ދަތިކަން ދިމާވިކަމަށް ކައުންސިލުން ބުނެއެވެ.

މަސް ލިބުމުގައި ދިމާވި ދަތިތަކަށް އެހީވުމުގެ ގޮތުން ގެމަނަފުށީ އުފާ ދޯނިން ދެއްވަދޫ ރައްޔިތުންނަށް ހަދިޔާކުރި މަސްތައް ދެއްވަދޫގެ ކައުންސިލްގެ ބޭފުޅުންނާއި އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާ ހަވާލުކޮށްފައިވާކަން ގެމަނަފުށީގެ މަޝްހޫރު ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ދެއްވަދޫ ކައުންސިލުން ބުނީ ގެމަނަފުށިން އެ ރަށަށް ހަދިޔާކުރީ 700 ކިލޯގެ މަސް ކަމަށެވެ. މި މަސް އެ ރަށުގެ ހުރިހާ ގޭބީސީތަކަށް ބަހާ ނިމިފައި ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް އެތައް ބައެއްގެ އެހީ އެރަށަށް މިދަނޑިވަޅުގައި ލިބެމުން ދާކަން ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުން މިފްކޯއިން 50 ކޭސް މަސްދަޅާއި، ގއ. އަތޮޅު ކައުންސިލުން 100 ކޭސް ފެނުގެ އިތުރުން ގދ. ތިނަދޫގެ ފަރާތުން 300 ކޭސް ފެން އެރަށަށް ލިބިފައި ވާކަން ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. ތިނަދޫއަކީ ދެއްވަދޫއަށް އެހީވުމުގެ ހަރަކާތައް އެންމެ ފުރަތަމަފެށި އެއްރަށެވެ.

ދެއްވަދޫއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއެކު އެ ރަށް ފުރަބަންދުގެ ހާލަތަށް ގެނައުމަށްފަހު ރެންޑަމް ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.