މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް، މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.
މީޑިއާއަކުން ގެނެސްދިން ޚަބަރަކަށް ރައްދުދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، ސަބްސިޑީގެ އެހީގައި މަސްވެރިންނަށް އެކަމުގެ ބުރަ ނުޖެހޭނެހެން ސަރުކާރުން ކަންކަން ވަރަށް ރަނގަޅަށް މެނޭޖުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތައް މަސްވެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ މިހާރުގެ ހާލަތަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ، ދުވަސްގަނޑަކަށްފަހު މުޅި ރާއްޖެއަށްވެސް އެންވެރިކަމާއި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މިގޮތުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުފަހަރު ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ދަތި ހާލަތުގައިވެސް މަސްވެރިންނަށް ހުއްޓުމެއްނެތި ކަނޑަށް ނުކުމެވޭނެކަން ކަށަވަރުކޮށްދިނުންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިންޑަސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ