އީރާންގެ ބަނދަރުތަކަށް ވަދެނުކުމެ އުޅުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ދަމަހައްޓާނަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ.
ލުބްނާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާއެކު އީރާނުން މި ކަނޑުއޮޅި ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި އިންޒާރު ދީފައިވަނީ، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނާންނާނެކަމަށް އެމެރިކާއިން ބުނުމާ ގުޅިގެންނެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ބަނދަރުތަކަށް ހުރަސްއެޅުމަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށާއި، ކަނޑުއޮޅި ބަންދުކުރުމާއި ހުޅުވުމުގެ ކަންކަން އިންޓަނެޓުން ނުނިންމޭނެ ކަމަށާއި އެކަން އަމަލީ މައިދާނުގައި ނިންމާނީ ސިފައިން ކަމަށެވެ.
މި މައްސަލައިގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް ވެސް ވަނީ އެމެރިކާގެ ބްލޮކޭޑް ކުރިއަށްދާހާ ހިނދަކު ކަނޑުއޮޅި ހުޅުވާފައި ނުބޭއްވޭނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އީރާނުގެ ހުއްދަ ހޯދަން މަޖުބޫރުވާނެ ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށާއި، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވަނީ އެ ވާހަކަތައް ދޮގުކޮށް، އެގައުމުގެ ޔުރޭނިއަމް ރިޒާވް އެއްވެސް ތާކަށް ނުގެންދާނެކަން ކަށަވަރުކޮށްދީފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު، މި ކަނޑުއޮޅި އަލުން ބަންދުކޮށްފިނަމަ ތެލުގެ އަގު އިންތިހާއަށް އުފުލި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބަނދަރުތައް ބްލޮކޭޑްކޮށްފައިވާއިރު، ލުބްނާނުގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކީ މުޅި ސަރަހައްދުގައި އޮތް އީރާނުގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރިއަށްގެންދާ ސިޔާސީ އަދި އަސްކަރީ ރޭވުމެއްކަމަށް މުހައްލިލުން ދެކެއެވެ.
ކޮމެންޓު ފޮނުވާ