8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Author
ހުސައިން
18 އޭޕްރިލް 2026 12:19
0

އުތުރުގެ ރަށެއްގައި އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖެއްގެ އަތް ފުރަގަހަށް ބަނދެ، ގަހެއްގައި އައްސާފައި ހުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަޕަރ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރުއެވެ. މިއީ އެ ކުޑަކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާލިބި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ދަށުދަރަޖައިގެ އަމަލެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ކުއްޖާ ގަހުގައި ބަނދެފައިވަނީ ފޮތިގަނޑެއް ބޭނުންކޮށްގެން ދެ އަތް ފުރަގަހަށް ވާގޮތަށެވެ. މި ރަހުމްކުޑަ އަމަލު ހިންގީ ކާކުކަމެއް އަދި ކޮން މަގުސަދެއްގައި ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މިހާރު ފުލުހުން ދަނީ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.