ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

Author
ހުސައިން
17 އޭޕްރިލް 2026 11:53
0

ކުޅުދުއްފުށި ސިޓީގައި އިއްޔެ ރުކަކުން ވެއްޓުނު މީހާގެ ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަ ނ. ނޭކުރަންދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި، އިއްޔެ މެންދުރުފަހު 3:00 ހާއިރު ހިނގި މި ހާދިސާއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ފަސް މިނެޓު ފަހުންނެވެ. އަދި ހާލަތު ސީރިއަސްވުމުގެ ސަބަބުން ވަގުތުން ވަނީ އަވަސް ފަރުވާ ދޭން ފަށާފައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ބޮޑެތި ޒަހަމްތަކެއް ފެންނަން ނެތް ނަމަވެސް، އޭނާގެ ހާލަތު ވަރަށް ކްރިޓިކަލްއެވެ. އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ ހަދާފައިވާ ސީޓީ ސްކޭންގެ ރިޕޯޓުތަކަށް ބިނާކޮށް، އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުންގެ ލަފާގެ މަތިންނެވެ.

އިތުރު ފަރުވާއަށް އެ މީހާ މާލެ ފޮނުވުމުގެ ހުއްދަ ޑޮކްޓަރުން މިހާރު ވަނީ ދެއްވާފައެވެ. ނަމަވެސް މިވަގުތު ހޮސްޕިޓަލުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަނީ ދަތުރުކުރެވޭ ވަރަށް ބަލިމީހާގެ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމަށެވެ.

ރާއްޖޭގައި ރުކަށް އެރުމުގެ ތެރޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ދޭތެރެއަކުން ހިނގާއިރު، މީގެ ކުރިން ހިނގާފައިވާ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.