މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް މަޝްވަރާގެ އުސޫލުން ސުލްހަވެރި ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ތުރުކީވިލާތުގެ އިސްތަންބުލްގައި ބޭއްވި ނަން-އެލައިންޑް މޫވްމެންޓް (ނާމް) ޕާލިމެންޓަރީ ނެޓްވޯކްގެ ފަސްވަނަ ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުންނެވެ. އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރާ ގުޅޭގޮތުންނެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްގިރުމާއި އަދި ފެންބޮޑުވުން ފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އަވަސް އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިމާވެށި ހިމާޔަތްކުރުމާއި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ގާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް ހަރުދަނާކުރުމަކީ މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމާއި، ބަޖެޓު ދިރާސާކުރުމުގެ ތެރެއިން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކަށް ހެދިދާނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ތަރައްގީ ގެނައުމަށް ބައިނަލްއަގުވާމީ ފަންޑުތައް ހޯދުމަށާއި، އައު މާލީ ނިޒާމުތައް އީޖާދުކުރުމުގައި މަޖިލިސްތަކުން އިސްދައުރެއް އަދާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މޫސުމީ މައްސަލަތަކުގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެދާނެ އިންސާނީ އަދި އިގްތިސާދީ ނުރައްކާތަކާމެދު ކަންބޮޑުވުންފާޅުކުރައްވައި، އެކަމަށް އޮތް ހަމައެކަނި މަގަކީ ސުލްހަވެރި މަޝްވަރާކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުއާއި އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ