އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް ފަށަން މެޝިނަރީތައް ފޮނުވަނީ

އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް ފަށަން މެޝިނަރީތައް ފޮނުވަނީ

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2026 07:33
0

އައްޑޫ ސިޓީގެ ލިންކް ރޯޑު ހެދުމަށް ބޭނުންވާ މެޝިނަރީތައް އެ ސިޓީއަށް ގެންދެވުނުހާ އަވަހަކަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން އައްޑޫގައި ކުރިއަށްގެންދަން އަމާޒުހިފާފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީން ބޭނުންވާ މެޝިނަރީތައް މިހާރު މާލެ ގެނެސްފައިވާއިރު، އެތަކެތި އައްޑުއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު އާރްޑީސީއާ ހަވާލުކުރި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އައްޑޫގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ ގުޅުވައިދޭ މި މަގަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މަގެކެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މަގުގެ ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތައް ހެދި ދަތުރުފަތުރުކުރުމަށް ވަނީ އިންތިހާއަށް ދަތިވެފައެވެ.

މި މަޝްރޫއުގެ ދަށުން 2028 ވަނަ އަހަރުގެ ކުރިން ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް އަލުން ތަރައްގީކުރާނެއެވެ. މީގެ އިތުރުން، އައްޑޫގައި ކުރިން ހިންގި މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތައް ހިމެނޭހެން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.