ބިން ހިއްކައި ނިމޭ ވަރަކުން ގޯތިތައް ހަވާލުކުރަމުންދާނެ: މުއްތަލިބު

ބިން ހިއްކައި ނިމޭ ވަރަކުން ގޯތިތައް ހަވާލުކުރަމުންދާނެ: މުއްތަލިބު

Author
އަހުމަދު
15 އޭޕްރިލް 2026 01:24
0

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކައި ނިމޭ ވަރަކުން ހަވާލުކޮށް ރަޖިސްޓްރީ ކޮށްދެމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅުގެ ލޭންޑްޔޫޒް ޕްލޭން އާންމުކޮށް ގުރުއަތު ނަގައި ނިމިފައިވީ ނަމަވެސް، އެ ގޯތިތައް ރަޖިސްޓްރީކޮށް ނުދެވި ވަނީ ބިން ހިއްކައި ނުނިމޭތީ ކަމަށެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަންނަ މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، ބިން ހިއްކައި ނިމުމާއެކު ސާވޭކޮށް، ރަޖިސްޓްރީ ހެދުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ކަނޑައެޅި 5،000 ގޯއްޗަށް އެތަނުން ޖާގަ ހަމަނުވާތީ، އޭގެ ތެރެއިން ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމުމާއެކު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ފިޔަވަހިން މިހާތަނަށް 125 ގޯއްޗެއްގެ އިން ވަކިކޮށް ވަނީ ހަވާލުކޮށްފައެވެ. އަދި ގުޅިފަޅުން ވެސް 169 ގޯއްޗެއް ވަނީ ލިބުނު ފަރާތްތަކާ ހަވާލުކޮށްފައެވެ. ގޯތި ދޫކުރުމުގެ އާ އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، ހުޅުމާލެ 3 އިން 451 އެގްރީމެންޓެއްގައި އަދި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،972 އެގްރީމެންޓެއްގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.