ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، މޮރިޝަސް ކޮމާޝަލް ބޭންކަށް ދައްކަވަން ކޯޓުން ހުކުމްކޮށްފައި އޮތް 2.3 މިލިއަން ރުފިޔާ، ކޯޓުން ބޭރުގައި އެއްފަހަރާ ދައްކަވައި މައްސަލަ ނިންމަވައިފިއެވެ.
މި ފައިސާއަކީ ޗެކެއްގެ މުއާމަލާތަކާ ގުޅިގެން އޭނާގެ އެކައުންޓުގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ދޫކުރި ފައިސާއެކެވެ. ރެކޯޑްތަކުން އެނގޭ ގޮތުގައި، އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭރުގެ ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކަކުން އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބިވަޑައިގަތުމުންނެވެ. ނަމަވެސް އެ ފައިސާ އެކައުންޓަށް ޖަމާނުވަނީސް ބޭންކުން ވަނީ ފައިސާ ދޫކޮށްފައެވެ.
އެކަމާ ގުޅިގެން 2,305,100 ރުފިޔާ ދައްކަން ބޭންކުން އެންގުމުން، އެ އެންގުން ބާތިލުކުރުމަށް އެދި އަލީ ޒާހިރު ފުރަތަމަ ވަޑައިގަތީ ސިވިލް ކޯޓަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ބޭންކާ އެއްކޮޅަށް މައްސަލަ ނިންމުމުން، ހައިކޯޓާއި ސުޕްރީމް ކޯޓުގައިވެސް އޭނާ ވަނީ މައްސަލަ އިސްތިއުނާފު ކުރައްވާފައެވެ.
މަތީ މަރުހަލާގެ ކޯޓުތަކުންވެސް އަލީ ޒާހިރަށް ކާމިޔާބު ލިބިވަޑައިނުގަތުމުން، އެންމެ ފަހުން ކޯޓުން ބޭރުގައި ބޭންކާއެކު އެއްބަސްވުމަކަށް ވަޑައިގެން ފައިސާ ދެއްކެވީއެވެ. ސިވިލް ކޯޓުގެ ނިންމުމުން އެނގޭ ގޮތުގައި، އަލީ ޒާހިރު މިހާރު ވަނީ އެ ފައިސާ އެއްކޮށް ދައްކަވައި ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ