މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

Author
ހުސައިން
12 އޭޕްރިލް 2026 02:41
0

ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ކޮށްފައިވާ ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން އޭނާގެ މެންބަރުކަން ވަކިވެފައިވާ ކަމަށެވެ. މި ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދުކުރައްވާފައެވެ.

ސިނާންގެ ގޮނޑިއާމެދު ސުވާލު އުފައްދައި، ޣާލިބު ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލައިގެ އަސްލަކީ ސިނާން އާއި އިތުރު ބަޔަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު 14 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހުކުމާ އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި ސިނާން ފައިސާ ދައްކާފައި ނުވި ނަމަވެސް، އޭނާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު އެ ދަރަނި ދައްކައި ވަނީ ހަލާސްކޮށްފައެވެ. އެހެންނަމަވެސް، ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ކޯޓުން ނިންމީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.