ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑުބައެއް ފިހުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރު ހިނގި މި ހާދިސާގައި ފިހިފައިވަނީ އެ ތެޔޮ ދޯނީގައި މަސައްކަތްކުރަމުން އައި އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ތެޔޮ ދޯނީގައި ފުރަތަމަ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރުމުގެ ސަބަބުން، ކައިރީގައި އޮތް އިތުރު ތިން ދޯންޏަކާއި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓެއްގައިވެސް ވަނީ ރޯވެފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން އަލިފާން ނިއްވާލެވުނުއިރު، އެ ހަތަރު ދޯންޏާއި އައިސް ޕްލާންޓް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
މި ނުރައްކާތެރި ހާދިސާގައި މުދަލާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ދާނެކަމަށް ފީއަލީ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ