އައި.ޖީ.އެމް.އެޗްގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް، ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކާއި 13 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށްކަމަށް 2018 ވަނަ އަހަރުގެ އައިޖީއެމްއެޗްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާ ނެރުއްވާފައިވާފައިވާ އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ އައި.ޖީ.އެމް.އެޗްގައި ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި، އައި.ޖީ.އެމް.އެޗް އިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުއްދައަށް އެދި ފޮނުވި ސިޓީ އާއިއެކު ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓްގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކޯޓޭޝަނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާކަމަށެވެ.
މިގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ދީފައިވާ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރަށް އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް ހުއްދަ ހޯދި ކޯޓޭޝަނުގެ ބަދަލުގައި، އައު ކޯޓޭޝަނެއް ހޯދައި މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ދެއްވި އަގަށްވުރެ 1,276,023 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ހަ ހާސް ތޭވީސް) ރުފިޔާ ބޮޑުކޮށް އައި.ޖީ.އެމް.އެޗް އިން މިމަސައްކަތް ކުރުވާފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެހެންކަމުން، ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމުގައި 1,276,023 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ހަ ހާސް ތޭވީސް) ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަކާއި ނުލައި ޚަރަދުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދުމަށް އައި.ޖީ.އެމް.އެޗް އިން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން އެ މިނިސްޓްރީން ހުއްދަ ދީފައިވާ ސިވެކް ގެ ކޯޓޭޝަންގައިވާ "ނިކޮލެޓް ސޮނާރާ ޓްރާންސް ކާނިއަލް ޑޮޕްލާ ސިސްޓަމް ވިތް އެކްސެސަރީސް" ލިބެން ނެތުމުން "މޮނިޓަރ އެނަސްތީސިއަރ، ޔުރެޓެރޮސްކޯޕް އަދި ރެސެކްޓޮސްކޯޕް" ހޯދުމަށް، ހުއްދަދިން ކޯޓޭޝަނުގެ ބަދަލުގައި އައު ކޯޓޭޝަނެއް ސިވެކް އިން ހޯދާފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މިގޮތުން އައު ކޯޓޭޝަނުގައިވާ ތަކެތި ގަނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅާ ހުއްދަ ހޯދައިގެން ނޫންކަން ފާހަގަކޮށްފައިވެއެވެ. އެތަކެތި ހޯދުމަށް އައި.ޖީ.އެމް.އެޗް އިން 2,249,632 (ދެ މިލިއަން ދުއިސައްތަ ސާޅީސް ނުވަ ހާސް ހަ ސަތޭކަ ތިރީސް ދޭއް) ރުފިޔާ ޚަރަދު ކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މި މައްސަލައާއި ގުޅިގެން އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ދީފައިވާ ކޯޓޭޝަނުގައިވާ "ނިކޮލެޓް ސޮނާރާ ޓްރާންސް ކާނިއަލް ޑޮޕްލާ ސިސްޓަމް ވިތް އެކްސެސަރީސް" ހޯދުމަށް ހުށަހެޅި އަގާއި ފަހުން ހޯދުނު އައު ކޯޓޭޝަންގައި ހިމެނޭ "މޮނިޓަރ އެނަސްތީސިއަރ، ޔުރެޓެރޮސްކޯޕް، ރެސެކްޓޮސްކޯޕް" އަގުގައި ތަފާތެއް ނެތްކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން މިތިން އައިޓަމްގެ އަގަކީވެސް 2,249,632 (ދެ މިލިއަން ދުއިސައްތަ ސާޅީސް ނުވަ ހާސް ހަ ސަތޭކަތިރީސް ދޭއް) ރުފިޔާކަމަށް އައު ކޯޓޭޝަނުގައި ބަޔާންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، އައި.ޖީ.އެމް.އެޗްގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދުމުގައި ހުއްދަދެވުނު އައިޓަމުގެ ބަދަލުގައި ހުއްދަ ނުހޯދާ އެހެން އައިޓަމްތަކެއް ހޯދާފައިވުމާއި، ފުރަތަމަ ހޯދަން ހުށަހެޅި އައިޓަމްގެ އަގާ އެއްއަގަކަށް ފަހުން ހުށަހެޅުނު ތިން އައިޓަމް ހޯދުމަށް ޚަރަދުކޮށްފައިވުމާއި އަދި އައު ކޯޓޭޝަނުގައި ހިމަނާފައިވާ އައިޓަމްތަކުގެ އަގު ވަކިވަކިން އިނގޭނެހެން ބަޔާންކޮށްފައި ނުވުމުން، މި އައިޓަމްތައް ހޯދުމަށް އައި.ޖީ.އެމް.އެޗް އިން ޚަރަދު ކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރިގޮތެއްގައިކަން ނުބެލެވޭކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އައިޖީއެމްއެޗްގެ އޮޑިޓް ރިޕޯޓްގައި ވަނީ އެކަންކަން އިޞްލާހުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް ހުއްދައިގެ ދަށުން ހޯދާ ތަކެއްޗާއި، ކުރާ މަސައްކަތްތައް އެމިނިސްޓްރީ އިން ހުއްދަ ދެއްވާފައިވާ އަގަށްކުރުމަށް ލަފާދީފައެވެ. އަދި ހުއްދަ ދެއްވާފައިވާ އަގަށް ނުވަތަ އައިޓަމަކަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އަލުން ހުއްދަ ހޯއްދެވުމަށްވެސް ލަފާދީފައިވެއެވެ.
މީގެ އިތުރުންވެސް 2018 ވަނަ އަހަރު އައިޖީއެމްއެޗުން މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ގިން ކަންކަން ކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
ކޮމެންޓު ފޮނުވާ