އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، 2028 އަށް ނިކުންނާނީ އެކުގައި: ރައީސް ސޯލިހު

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، 2028 އަށް ނިކުންނާނީ އެކުގައި: ރައީސް ސޯލިހު

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 01:29
0

އެމްޑީޕީގެ ލީޑާޝިޕްގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވާ ކަމަށާއި، އެއްވެސް ބޭފުޅަކު ބާކީ ނުކޮށް 2028 ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުގައި ނުކުންނާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމަނިކުފާނުގެ އުފަންރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން އާންމު މެމްބަރުންނަށް މާޔޫސްކަން ލިބުނު ނަމަވެސް، މަޝްވަރާކުރެވިގެން މިހާރު އެކަންކަމަށް ހައްލެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ހިމެނޭހެން މުޅި ލީޑާޝިޕް އެކީގައި ގުޅިގެން މަސައްކަތްކުރާތަން ކުރިއަށް އޮތް ތަނުގައި ފެންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ތެރޭގައި މައްސަލަ ގޯސްވީ، މާލޭގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން ޕާޓީގެ ލީގަލް ޑިރެކްޓަރުކަމުން އަހުމަދު މައުރޫފް އަދި ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު ވަކިކުރުމުން ހިތްހަމަނުޖެހުން ބޮޑުވެ، ނަޝީދަށް ތާއީދުކުރާ ފެކްޝަނުން ވަނީ ވަގުތީ ޗެއާޕާސަން ގަފޫރު މަގާމުން ދުރުކުރަން 55 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފަ އެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ސޯލިހު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކަށް ޖާގަދޭ ޕާޓީއެއް ކަމަށާއި، މިއީ އަބަދުވެސް ޕާޓީ ތެރޭގައި ދިމާވާ ފަދަ ކަންކަން ކަމަށެވެ. އަދި ލަސްވެގެން މާދަމާ ރޭގެ ނިޔަލަށް މިކަމަށް އެއްކޮށް ހައްލު ގެނެވި، ޕާޓީގެ އަމާޒު 2028 ގެ ރިޔާސީ އިންތިހާބަށް ހިފޭނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ދިން ބޮޑު ތާއީދަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ހަވާލުކުރި ޒިންމާއެއްކަން ފާހަގަކުރައްވައި، ސޯލިހު ވަނީ އެކަމަށްޓަކައި މިއަދުން މިއަދަށް މަސައްކަތް ފަށަންޖެހޭކަން ހަނދާންކޮށްދެއްވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކުރާނެ ކަމުގެ އުންމީދު އާކޮށްދެއްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.