އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހައްލުކުރުމަށް ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވަނީ

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހައްލުކުރުމަށް ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވަނީ

Author
އަހުމަދު
11 އޭޕްރިލް 2026 01:27
0

އިދިކޮޅު އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ނިމުމެއް ގެނައުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

މާދަމާ ރޭ 9:00 ގައި ކުރިއަށްގެންދާ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ދެ ފަރާތުން އެއްބަސްވާ ކަންތައްތަކެއް ގައުމީ މަޖިލީހަށް ހުށަހަޅައި ގޮތެއް ނިންމުމެވެ. ޕާޓީގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން ވަނީ އަންގާފައެވެ.

މި މައްސަލަތައް ފެންމަތިވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމި ހިސާބުންނެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ހާއްސަކޮށްފައިވާ ގޮނޑި އެ ޖަލްސާގައި ހުސްކޮށް ހުއްޓެވެ.

މި ހާދިސާއަށްފަހު ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައާމެދު ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.