ހިޔާވެހި ފައިނޭންސިން: 820 މީހަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

ހިޔާވެހި ފައިނޭންސިން: 820 މީހަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 07:41
0

މާލެ އާއި އަތޮޅުތެރޭގައި އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ތައާރަފުކުރި "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ސަރުކާރުން ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވި ގޮތުގައި، މި ސްކީމްގެ ދަށުން މިހާތަނަށް 820 މީހަކަށް ލޯނު ދޫކުރަން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތާނގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މި ޕްރޮގްރާމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން، އިސްލާމީ އުސޫލުން ފަސް އިންސައްތައިގެ ފައިދާއާއެކު ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބޭއިރު، ލޯނު އެޕްރޫވްވި ފަރާތްތަކަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ ފައިސާ ދޫކުރަމުންނެވެ.

މި ޕްރޮގްރާމް މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އަތޮޅުތެރޭގެ ރަށްރަށަށް އެޗްޑީއެފްސީ މެދުވެރިކޮށް އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެއެވެ. މީގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މާލެ ސަރަހައްދުގެ ސްކީމަކީ ގެދޮރު ނުނިމި ހުރި ފަރާތްތަކަށާއި ކުދި ބިންތައް އެއްކޮށްލައިގެން އިމާރާތްކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ސްކީމެކެވެ.

ސްޓޭޓް މިނިސްޓަރު ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޯނު ސްކީމްގެ އިތުރުން ރަށްރަށުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް އަންނަނީ ހަލުވިކަމާއެކު ކުރިއަށްދަމުންނެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން އަތޮޅުތެރޭގައި ތަރައްގީކުރާ 800 ހައުސިން ޔުނިޓުގެ މަސައްކަތް ހިމެނޭހެން، ހުރިހާ މަޝްރޫއުތަކެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.