ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ މައުލޫމާތު ހޯދަން އެމްއެމްއޭއިން ސާވޭއެއް ފަށަނީ

ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ މައުލޫމާތު ހޯދަން އެމްއެމްއޭއިން ސާވޭއެއް ފަށަނީ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 07:29
0

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގައުމުން ބޭރަށް ފޮނުވާ ފައިސާއާ ގުޅޭ ހާއްސަ ސާވޭއެއް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު ބޭނުމަކީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. މިގޮތުން، ބިދޭސީން ފައިސާ ފޮނުވުމަށް އާންމުކޮށް ބޭނުންކުރާ ވަސީލަތްތަކާއި، ފައިސާ ފޮނުވާ ގިނަމަދުމިނުގެ އިތުރުން ފޮނުވާ ފައިސާގެ އަދަދުތައް މި ސާވޭގެ ތެރެއިން އޮޅުންފިލުވާނެކަމަށް މަރުކަޒީ ބޭންކުން މައުލޫމާތުދެއެވެ.

މި ސާވޭގައި ވީހާވެސް ގިނަ ބިދޭސީން ބައިވެރިވުމަށް އެމްއެމްއޭއިން ވަނީ ބާރުއަޅާފައެވެ. އަދި ސާވޭގައި ބައިވެރިވާ މީހުންގެ ނަމާއި، ޕާސްޕޯޓް ނަންބަރު ނުވަތަ ވޯކް ޕާމިޓްގެ ތަފްސީލު ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުހޯދާނެކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ. އޭގެ އިތުރުން، ސާވޭ މެދުވެރިކޮށް އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރުކަން ފުރިހަމައަށް ހިފަހައްޓާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވައްސަލާމް
ބައިން ބައިވެސް ހޯދޭނެ ކަމަކަށް ނުބެލެވޭ. ސަބަބަކީ އެކަންކުރަނީ ދިވެހިންގެ ނަމުގައި އުފައްދާފައި ހުންނަ ކުންފުނިތަކުގެ ނަމުގައި ހުޅުވާފައިވާ ވިޔަފާރި އެކައުންޓުތައް މެދުވެރިކޮށް ކަމަށްވާތީ. ދިވެހި ރުފިޔާއިން އެއްކަލަ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެމީހުންގެ ޤައުމުގެ ފައިސާއިން އެމީހުންނަށް ފައިސާ ލިބެނީ. ދެން މިކުރާކަމަކީ ދިވެހި ކުންފުންޏަށް ޖަމާކުރާ ދިވެހި ރުފިޔާއަށް ބޭންކު ނޫނީ އެމްއެމްއޭ މެދުވެރިކޮށް މުދާ އެތެރެކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމުގެ ނަމުގައި ފައިސާ ހޯދައިގެން ކަނޑުމަގުން ފައިސާ ބޭރުކުރަނީ. މިއީ ވަރަށް މަތީ ދަރަޖައަކަށް ފާރަވެރިވެގެން ނޫނީ ބެލޭނެ އެނގޭނެ ކަމެއްނޫން މިއީކީ.