އިސްރާއީލުން ލުބްނާނަށް އަމާޒުކޮށް ދެމުންގެންދާ ނުރައްކާތެރި ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ މި ނޭއްގާނީ އަމަލުތަކަކީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އިސްރާއީލުގެ އިންސާނިއްޔަތާ ހިލާފު މި އަމަލުތައް ވަގުތުން ހުއްޓުވައި، އެ ގައުމު ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ލުބްނާނުގެ އިސްތިޤުލާލު ދެމެހެއްޓުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ލުބްނާނުގެ ރައްޔިތުންނާ އެކުގައިކަން އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ލުބްނާނަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އައި ނަމަވެސް، އިއްޔެ ދިން ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި ދިން އެންމެ ވަރުގަދަ އަދި އެންމެ ގެއްލުންބޮޑު ހަމަލާތަކެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ލުބްނާނުގެ ވެރިރަށް ބެއިރޫތަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި ގިނަ އިމާރާތްތަކެއް ބިމާހަމަކޮށްލާފައިވާއިރު، ޒަޚަމްވި މީހުން އުފުލި އެމްބިއުލާންސްތަކަށްވެސް އިސްރާއީލުން ވަނީ ހަމަލާދީފައެވެ.
ކޮމެންޓު ފޮނުވާ