ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ސިނާނުގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ގާލިބު ސަލީމް ނަމަކަށް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ ކަމަށް ބުނެއެވެ. މިއީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅޭ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ މެންދުރު ހުކުމް އިއްވަން ވަނީ ތާވަލުކޮށްފައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ކަލަންޑަރުގައި އަދި އެ މައްސަލަ ހިމަނާފައެއް ނުވެއެވެ.
ދަށު ކޯޓާއި ބޭންކުން ހުށަހެޅި ލިޔުންތަކާމެދު ބަހުސްކުރުމަށްފަހު، މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަދި މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަވެސް މެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން މި ސަރުކާރުން އެ ކޯޓަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ކޮމެންޓު ފޮނުވާ