ބާ އުޅަނދު ނައްތާލުމަށްފަހު ގަރާޖު ސިޓީއަކާ ނުލައި އާ އުޅަނދެއް ރަޖިސްޓަރީ ކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ބާ އުޅަނދު ނައްތާލުމަށްފަހު ގަރާޖު ސިޓީއަކާ ނުލައި އާ އުޅަނދެއް ރަޖިސްޓަރީ ކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

Author
އަހުމަދު
07 އޭޕްރިލް 2026 06:27
0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ބާ އުޅަނދުތައް ނައްތާލުމަށްފަހު، ގަރާޖު ސިޓީއަކާ ނުލައި އާ އުޅަނދެއް ރަޖިސްޓަރީ ކުރެވޭގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްލާހު ގެނެސްފިއެވެ.

ކުރިން ގަވާއިދު އޮންނަ ގޮތުން ނަމަ، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކޮށްދެނީ ގަރާޖެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، އައިޑީކާޑު ކޮޕީގެ އިތުރުން އެ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުން ހުށަހެޅުމުންނެވެ. ނަމަވެސް، މި ގަވާއިދަށް ގެނައި އަށްވަނަ އިސްލާހާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަމިއްލަ ބޭނުމަށް ގެންގުޅޭ އުޅަނދުތައް ބަދަލުކުރާއިރު މި ލިޔެކިޔުންތައް ހުށަހަޅާކަށް ދެން ނުޖެހޭނެއެވެ.

މި ލުއި ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމައެވެ. އެގޮތުން، އާ އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ ކުރިން ބޭނުންކުރަމުން އައި އުޅަނދު ނައްތާލިކަމުގެ ލިޔުން ހުށަހެޅުމުންނެވެ. އަދި ނައްތާލެވޭ އުޅަނދަކީ އެ ވިޔަފާރިއެއްގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، ނައްތާލުމާ ހަމައަށް މެދުކެނޑުމެއްނެތި ބޭނުންކުރަމުން އައިސްފައިވާ އުޅަނދަކަށް ވުމުގެ އިތުރުން، ފާއިތުވި ފަސް އަހަރު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވާންޖެހޭނެއެވެ.

ގަރާޖު ސިޓީ ހުށަހަޅަން ނުޖެހުނު ކަމުގައިވިޔަސް، އުޅަނދު ރާއްޖެއަށް އެތެރެކުރިކަމުގެ ލިޔުމާއި، ޑިއުޓީ ދައްކަންޖެހޭ އުޅަނދެއްނަމަ ޑިއުޓީ ދެއްކިކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑެންޓިފިކޭޝަން އަދި ރޯޑްވާދިނަސް ރިޕޯޓު ފަދަ އާންމުކޮށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ކުރިއެކޭވެސް އެއްފަދައިން ހުށަހަޅަން ޖެހޭނެކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.