ނިމިގެންދިޔަ ބައި-އިލެކްޝަންތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ވަކި ބަޔަކު އެ ޕާޓީއާ އަލުން ގުޅިގެން ލިބުނު ކާމިޔާބީއެއް ނޫންކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ މުހައްމަދުގެ ކޮއްކޮ، ނަޒީހާ އަހްމަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޒީހާ ވިދާޅުވީ، އިންތިހާބުން އެމްޑީޕީ މޮޅުވީ ޕާޓީގެ އާންމު މެންބަރުން އެކަތިގަނޑަކަށްވެ ނުކުމެ ކުރި ބުރަ މަސައްކަތުން ކަމަށެވެ. މިއީ ވަކި ބަޔަކު އެނބުރި އައުމުން ވީކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއިރު، މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއެކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޓީމަށް އަމާޒުކޮށް ވިދާޅުވި ބަސްފުޅެއްކަމަށް ބެލެވެއެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އަދި އެމްޑީޕީ ރޫޅާލާނެކަމަށް އޭރު ވިދާޅުވި ނަމަވެސް، ސިޔާސީ މައިދާނުގައި އެކަށީގެންވާ ކާމިޔާބީއެއް ނުލިބުމުން ދާދިފަހުން އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަދި ފެންނަ ނުފެންނަ ވޯޓަކީ، ނަޝީދު އެނބުރި ވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ގިނަ ރަށްތަކަކަށް ވަޑައިގެން ހަރަކާތްތެރިވެވަޑައިގެންފައިވާއިރު، ނަޒީހާގެ މި ވާހަކަތަކާ ގުޅިގެން ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން އަންނަނީ ނަޒީހާއަށް ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ