އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމުން ގޮވާލައިފި

އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމުން ގޮވާލައިފި

Author
އަހުމަދު
04 އޭޕްރިލް 2026 11:20
0

ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ނިންމާ ނިންމުން ބަލައިގަނެ، އިންތިޚާބުގެ ނަތީޖާއަށް އިޙްތިރާމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން މިކަމަށް ގޮވާލާފައިވަނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ ގުނަމުންދާ ދަނޑިވަޅެއްގައެވެ. ޚިޔާލުތަފާތުވުން އުފެދޭ ކަންކަމުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު ޙައްލު ހޯދައި، އަމާންކަން ދެމެހެއްޓުމަށް އެޗްއާރުސީއެމުން ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ޖުމްލަ ތިން ވޯޓެއް ނަގާފައިވާއިރު، 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށާއި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙު ތަޞްދީޤުކުރުމާމެދު ގޮތެއް ނިންމުމަށް ނެގުނު މުހިންމު ވޯޓެކެވެ.

މުޅި ރާއްޖޭގައި 588 ވޯޓުފޮށި ބަހައްޓައިގެން ކުރިއަށްގެންދިޔަ މި ބޮޑު އިންތިޚާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް މަޤާމުތަކަށް ވާދަކުރި 1،368 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލި 1،593 ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.