މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވައިފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 11:44
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭ ސަރަޙައްދުގައި ޓެކްސީ ލިބުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރެއްވި މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ތިމާވެއްޓާ ރަޙުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެންނެވެ. ކުދި ކާރާއި ބޮޑެތި ކާރު ހިމެނޭހެން ތިން ސައިޒެއްގެ ކާރު ބޭނުންކުރާ މި ޚިދުމަތް، މިރެއިން ފެށިގެން 24 ގަޑިއިރު ލިބޭނެއެވެ.

މި ޚިދުމަތާ ގުޅޭ ހޮޓްލައިން ނަންބަރު 1655 ވެސް ރަސްމިއްޔާތުގެ ތެރެއިން ވަނީ ތަޢާރަފުކުރައްވައިފައެވެ. ޚިދުމަތް ފޯރުކޮށްދޭ އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ، މި ޚިދުމަތަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއް ކަމުގައެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ޚިދުމަތް ތަޢާރަފުވުމުން މިހާރު ޓެކްސީ ޚިދުމަތް ދެމުންދާ ފަރާތްތަކަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކުރެވިގެންދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޚިދުމަތަށް ޚާއްޞަކުރި ކާރުތައް ބައްލަވާލައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.