ކާށިދޫގައި ފުލުހަކު މަރާލި މައްސަލައިގައި ސަމާހު މެރުމަށް އަލުން ހުކުމްކޮށްފި

ކާށިދޫގައި ފުލުހަކު މަރާލި މައްސަލައިގައި ސަމާހު މެރުމަށް އަލުން ހުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 07:50
0

ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު އަނެއްކާވެސް ހުކުމްކޮށްފި އެވެ.

ޕޮލިސް ސާޖަންޓް އާދަމް ހަލީމް އަވަހާރަކޮށްލާފައިވަނީ، ގޭބަންދުގައި ހުއްޓައި ބޭރަށް ނުކުމެ އުޅެނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގާފައިވަނީ ކާށިދޫ ސުވާސާގޭ ސަމާހު އެރަށު މަގުމަތިން ހުއްޓުވައި ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް މަސައްކަތް ކުރެއްވުމުންނެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ 2013 ވަނަ އަހަރުވެސް ކްރިމިނަލް ކޯޓުން ވަނީ ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް، ހަމައެކަނި އިއުތިރާފަށް ބިނާކޮށް ކުށް ސާބިތު ނުކުރެވޭނެކަމަށް ކަނޑައަޅައި، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަންގާފައެވެ.

އެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. އަދި އޭނާ މެރުމަށް ހުކުމްކުރީ އާދަމް ހަލީމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ސަމާހު މަރަން ހުކުމްކުރި ނަމަވެސް، މި ހުކުމް ތަންފީޒު ކުރަން ފަށާނީ މި މައްސަލައިގެ އިސްތިއުނާފް މަރުހަލާތައް އެއްކޮށް ނިމުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.