ބ. ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީކުރުމުގެ އަމަލީ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީކޮށް ހިންގުމާ ހަވާލުވެފައިވަނީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ނިމޭއިރު އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި އެރައިވަލް ހޯލް މިހާރަށްވުރެ ދެ ގުނައަށް ބޮޑުކުރެވޭނެ އެވެ. އަދި ޗެކިން އޭރިއާ ތަނަވަސްކޮށް، ތިން ގޭޓާއެކު އެއް ފަހަރާ ތިން މަތިންދާބޯޓަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅު ލައުންޖެއް ވެސް އެތަނުގައި ގާއިމުކުރެވޭނެ އެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ދުވާލަކު އަށް ފްލައިޓް އޮޕަރޭޓްކުރާ މި އެއާޕޯޓުން 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 42,000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފަ އެވެ. މީގެ ތެރެއިން 70 އިންސައްތައަކީ ފަތުރުވެރިންނެވެ.
ބ އަތޮޅަކީ 16 ރިސޯޓާއި 79 ގެސްޓްހައުސް ހިމެނޭހެން 4,600 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރި، ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ އަތޮޅެކެވެ. އެހެންކަމުން، 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މި އަތޮޅުގެ އެއާޕޯޓް އިތުރަށް ތަރައްގީވެގެން ދިއުމަކީ މުޅި އަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ އެންމެ ހެޔޮ ފައިދާ ކުރާނެ ކަމެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ