އޭސީ ކްލާސްތަކުގައި ޖެކެޓުލާން ސަލާހުއްދީން ސްކޫލުން ޚާއްސަ އުސޫލެއް އެކުލަވާލައިފި

އޭސީ ކްލާސްތަކުގައި ޖެކެޓުލާން ސަލާހުއްދީން ސްކޫލުން ޚާއްސަ އުސޫލެއް އެކުލަވާލައިފި

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 11:35
0

ސަލާހުއްދީން ސްކޫލުގެ އޭސީ ކްލާސްރޫމްތަކުގައި ތިބޭއިރު ފިނިވާ ދަރިވަރުންނަށް، ސްކޫލުގެ ރަސްމީ ހުއްދައަކާއެކު ޖެކެޓު ބޭނުންކުރެވޭނެ ގޮތަށް އާ އުސޫލެއް ހަމަޖައްސައިފިއެވެ.

އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުން، ކްލާހުގައި ޖެކެޓު ލާން ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން ޖެހޭނީ ސަބަބު ބަޔާންކޮށް ފޯމެއް މެދުވެރިކޮށް ސްކޫލަށް ހުށަހަޅައި ހުއްދަ ހޯދާށެވެ. މިގޮތަށް ހުއްދަ ދެވޭ ކުދިންގެ މައުލޫމާތު ގްރޭޑް ލީޑިން ޓީޗަރުންނާއި މުދައްރިސުންނާ ސްކޫލުގެ ފަރާތުން ހިއްސާކުރާނެއެވެ. ސަރުކާރުން ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއެއް ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން އަންނަ އަހަރު ތައާރަފުކުރާ ޔުނީފޯމް ކޯޑުގައި ޖެކެޓު ހިމެނެއެވެ. ނަމަވެސް އެ ކޯޑުގެ ދަށުން ޖެކެޓުލާން އިތުރު ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ދަރިވަރުންނަށް ބޭނުންކުރެވޭނީ އެއްވެސް ކުރެހުމެއް، ލިޔުމެއް ނުވަތަ ލޯގޯއެއް ނެތް، އެއް ކުލައަކުން އޮންނަ ޖެކެޓެކެވެ. ސްކޫލުން ބޮޑަށް ބާރުއަޅަނީ ކަޅު ނުވަތަ އަޅި ކުލައިގެ، ހުޑް (ބޮލުގައި އަޅާ ބައި) ނުހިމެނޭ ޖެކެޓު ބޭނުންކުރުމަށެވެ. މީގެ އިތުރުން، ޖެކެޓު ލުން ހުއްދަވަނީ ހަމައެކަނި ކްލާސްރޫމް އެތެރޭގައެވެ. ކޮރިޑޯތަކާއި ހޯލުތަކުގައި ނުވަތަ ސްކޫލު ގޯތިތެރޭގެ އެއްވެސް ތަނެއްގައި ޖެކެޓު ލައިގެން ނުވަތަ އަތަށް ލައިގެން އުޅުމަކީ މަނާކަމެކެވެ. އަދި ޖެކެޓު ބާލާފައި އޮންނަ ވަގުތުތަކުގައި ގޮނޑި ނުވަތަ މޭޒުމަތީގައި ނުބާއްވައި، އޮންނަންވާނީ ދަބަހަށް ލާފައެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާއިރު، އުސޫލާ ހިލާފުވާ ދަރިވަރުންނަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ ބާރު ސްކޫލުގެ އިސް އިދާރީ ކޮމެޓީއަށް ލިބިގެންވެއެވެ. އަދި ކޮންމެ ދިރާސީ އަހަރެއްގެ ފަހު ދެ ހަފުތާގެ ތެރޭގައި މި އުސޫލު މުރާޖައާ ކުރެވޭނެ ކަމަށްވެސް ސަލާހުއްދީން ސްކޫލުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.