ވެއްޓިފައިވާ އިންޑޮނޭޝިއާގެ ސްރީވިޖަޔާ އެއަރލައިންގެ ފްލައިޓްގެ ދެ ކަޅު ފޮށީގެ ތެރެއިން އެއްފޮށި، ފްލައިޓްގެ ބައިތައް ހޯދަމުންދާ އިންވެސްޓީގޭޓަރުންގެ ޓީމަކުން ހޯދައިފިއެވެ.
ވެއްޓިފައިވާ ސްރީވިޖަޔާ އެއަރލައިންގެ SJ 182 ފްލައިޓްގެ ފްލައިތް ޑޭޓާ ރެކޯޑަރ ހޯދާފައިވަނީ ޑައިވަރުންނާ އަދި ރިމޯޓް ކޮންޓްރޯލް ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ކަޑު އަޑީގައި ދުއްވާ އުޅަދުތައް ބޭނުންކޮށްގެންނެވެ.
ފްލައިޓް ޑޭޓާ ރިކޯޑަރއަކީ، ފްލައިޓްގެ ދަަތުރުކުރަމުންދާއިރު، ކުރަމުންދާ ދަތުރާގުޅޭގޮތުން ރައްކާކުރަންޖެހޭ މުހިންމު އެތަކެއް މައުލޫމާތުތަކެއް ރައްކާ ކޮށްފައިހުން މުހިންމު ޑިވައިސްއެކެވެ. މިގޮތުން މި ޑިވައިސްގައި، ރައްކާކުރާ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި، ފްލައިޓްގެ ޕްރެޝަރއާއި، ދަތުރުކުރާ ސްޕީޑާއި އަދި މީގެ އިތުރުން ދަތުރުކުރާ އުސްމިންވެސް ހިމެނެއެވެ.
ފްލައިޓް ޑޭޓާ ރެކޯޑަރ ފެނިފައިވި ނަމަވެސް، ފްލައިޓް އުދުހެމުންދާއިރު، ކޮކްޕިޓްގައި ހިގާ ހުރިހާ އަޑުތަކާއި މައުލޫމާތުތައް ރެކޯޑްކުރާ ދެވަނަ ކަޅުފޮށި ކަމުގައިވާ ކޮކްޕިޓް ވޮއިސް ރެކޯޑަރ އަދިވެސް ފެނިފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު، މާޝަލް ހާޑީ ތަހުޖަންޓޯ ވިދާޅުވެފައިވާ ގޮތުގައި، ބްލެކް ބޮކްސްތަކުގައި ހަރުކޮށްފައި ހުންނަ، އެކޯސްޓިކް ސިގްނަލް ފޮނުވައިދޭ ޑިވައިސްތައް ބްލެކް ބޮކްސްތަކާ ވަކިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް އަދި ފެނިފައިނުވާ ކަޅުފޮށިވެސް، ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
ނޭޝަނަލް ޓްރާންޕޯޓް ސޭފްޓީ ކޮމިޓީގެ އެންމެ އިސްފަރާތްކަމުގައުވާ ސޯޖަންޓޯ ޖަޖޯނޯ ވިދާޅުވި ގޮތުގައި، މިހާރު ހޯދިފައިވާ ބްލެކް ބޮކްގައިހުރި ޑާޓާތައް އެއްކޮށް ނަގާ، އޭގައިހުރި މައުލޫމާތު ދެނެގަތުމަށް 2 ދުވަހާ 5 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެއެވެ.
"އަހަރެމެން އުއްމީދު ކުރަމުން މިދަނީ، މިހާރު ކުރިޔަށްދާ ތަހުގޫގުގެ ތެރެއިން، މިބޯޓު ވެއްޓެން މެދުވެރިވި ހަގީގީ ސަބަބު ދެނެގަނެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ކެޕިޓަލް ޖަކާޓާގެ ހުޅަގު އުތުރުން، ކަޑަށް، ސްރީވިޖާޔާ އެއަރލައިންގެ މި ފްލައިޓް ވެއްޓިފައިވަނީ، މިހަފްތާގެ ހޮނިހިރު ދުވަހުއެވެ.

މި ފްލައިޓް ވެއްޓިފައިވަނީ، ޖަކާޓާގެ އުތުރުން ވަކިން އޮންނަ ގުޅިފައިވާ ރައްތަކެއް ކަމުގައިވާ ތައުޒަންޑް އައިލޭންޑަސް ހިމެނޭ ސަރަހައްދަށެވެ. މިސަރަހައްދަކީ އިންޑޭޝިއާގައި، ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ މަޝްހުރު އެއް ސަރަހައްދެވެ.
ފްލައިޓް ޖަކާޓާގެ ސޮއިކާނޯ-ހައްޓާ އެއަރޕޯޓުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ އިންޑޮނޭޝިއާގެ ވެސްޓް ކަލިމަންޓަންގެ ސަރަހައްދީ ކެޕިޓަލް ކަމުގައިވާ ޕޮންޓިއަނަކައަށް، 62 ޕަސެންޖަރުންނާ އެކުއެވެ.
އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ ނޭވީ ޑައިވަރުންނަށް މިފްލައިގެ ބައިތައް އާދީއްތަދުވަހު ފެނިފައިވަނީ، ކަޑުއަޑީގައިހުރި ފްލައިޓްގެ ބައެއް ބައިތަކުން ފޮނުވަމުންދިޔަ ސިގްނަލްތައް ދެނެގަނެވުމާއި ގުޅިގެންނެވެ.
270 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ތަފާތު ގިނަ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަށް ވާތީވެ، 3000 މޭލަށް ފެތުރިފައިވާ މިރައްތަކަށް ދަތުރުކުރުމުގައި އެގައުމުގެ ރައްޔިތުން ބޭނުންކުރާ އެންމެ މައިގަޑު ވަސީލަތަކީ ވައިގެ ދަތުރުފަތުރެވެ.
ބަޖެޓް އެއަރލައިނެއް ކަމުގައިވާ، ސްރީވިޖާޔާ އެއަރލައިނަކީ، އިންޑޮނޭޝިއާގެ 3 ވަނައަށް އެންމެ ބޮޑު އެއަރލައިނެވެ. މި އެއަރލައިނުން، ކޮންމެ މަހަކުވެސް، އިންޑޮނޭޝީއާގެ 53 ސަރަހައްދަކަށާއި އަދި ސަރަހައްދީ 3 ގައުމަށް 950،000 ޕަސެންޖަރުން އުފުލާކަމަށް، މި އެއަރލައިންގެ ވެބްސައިޓްގައި ހުރި މައުލޫމާތުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ