މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، ވިލިމާލެއަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ފުރުޞަތުތަކެއް ފަހިވެފައިވާ، ފުރިހަމައަށް ތަރައްޤީވެފައިވާ ތަނަކަށް ބަދަލުވެގެންދާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި އަލަށް އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި މާރިޗު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ގޭބިސީތަކުގެ އާބާދީ ބޮޑުވަމުންދާއިރު، ލޯނު ނަގައިގެން ގެދޮރު ހެދި ނަމަވެސް ކުއްޔަށް ދޭނެ ޖާގައެއް ނެތުމުން މާލީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޭލެވެލްއަށް ކިޔެވުމަށާއި، ރަނގަޅު ޞިއްޙީ ފަރުވާ ހޯދުމަށާއި، ވަޒީފާ އަދާކުރުމަށް މާލެއާއި ހުޅުމާލެއަށް ދާންޖެހުމަކީވެސް ވިލިމާލޭގެ ރައްޔިތުން އުފުލަމުންދާ ވަރަށް ބޮޑު ތަކުލީފެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، މާލެއެކޭ އެއްފަދައިން ވިލިމާލޭގައިވެސް 10 ބުރިއަށް އިމާރާތްކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވި ވަރަށް ހެޔޮ ބަދަލެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ސަބަބުން ބޭންކުތަކުން ފައިނޭންސް ނުލިބިގެން މަޑުޖެހިފައި ހުރި އެތައް ގެއެއް އިމާރާތްކުރުމަށް ފަހިވެ، އެތައް ޖީލަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަވެސް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. އަދި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަންނަ ޖުލައި ނުވަތަ އޮގަސްޓު މަހު ފެށޭނެކަންވެސް އިޢުލާންކުރެއްވިއެވެ.
ވިލިމާލޭގައި ފްލެޓު އެޅުމަށާއި، ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް އަދި މަގުތައް ހެދުމަށް ބައެއް ފަރާތްތަކުން ފާޑުކިޔައި ދެކޮޅު ހަދަމުންދާތީ އެކަމަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަގުތައް ތަރައްޤީކުރާނީ ރަށުގެ ފެހިކަމާއި ހިތްގައިމުކަން ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ދުރުގައި ތިބޭ ބައެއްގެ ހިތްހަމަޖެހުމަށްވުރެ ބޮޑަށް، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ޙާލަތު ރަނގަޅުކޮށްދިނުމުގެ މައްޗަށްކަން އޭނާ ތަކުރާރުކުރެއްވިއެވެ. މުސްތަޤުބަލް ޕްލޭންކުރާއިރު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަންވެސް މުއްޠަލިބު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ