މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ހުރި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ތަޢާރަފުކުރާ އާ ޓެކްސީ ލައިންގެ ޚިދުމަތް، ފަސް ކާރާއެކު ވިލިމާލޭގައި ދޭން ފަށަން ނިންމައިފިއެވެ.
ވިލިމާލޭގައި 300 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ފަށާ މި ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރުތަކެއް ކަމަށެވެ. އެހެންކަމުން މިއީ ވިލިމާލޭގެ މާޙައުލާ ވަރަށް ބޮޑަށް ގުޅޭނެ، އަދި ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ގެނެސްދޭނެ ޚިދުމަތަކަށް ވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
އެމްޓީސީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފަށާ މި ޚިދުމަތަށް ޗަންގަން ބްރޭންޑުގެ ޖުމްލަ 150 ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 60 ކާރު މިހާރު ރާއްޖެ ގެނެސްފައިވާއިރު، ބާކީ 90 ކާރު އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ޚިދުމަތުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެހެން ފަރުމާކޮށްފައިވާ މި ޚިދުމަތަށް ގުޅުމަށް "1655″ ގެ ނަމުގައި ހޮޓްލައިނެއް ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން އަންނަނީ ޖުމްލަ 407 ޑްރައިވަރުން ހޯދައި، އެ ފަރާތްތަކާ އިންޓަވިއުކޮށް ބޭނުންވާ ތަމްރީނުތައް ދެމުންނެވެ. އޭގެ ތެރޭގައި 122 ޕާޓް-ޓައިމް ޑްރައިވަރުން ހިމެނޭއިރު، ފުލް-ޓައިމް ޑްރައިވަރުން ޚިދުމަތް ދޭއިރު ތިބޭނީ ޚާއްޞަ ޔުނިފޯމެއްގައެވެ. އަދި ޕާޓް-ޓައިމް ޑްރައިވަރުން ބޭނުންކުރާނީ ޚާއްޞަ ވެސްޓެކެވެ.
ކޮމެންޓު ފޮނުވާ