ހުޅުމާލޭގެ އަމާން އުދަރެސް ޓަވަރަކުން ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރ. އިނގުރައިދޫ، ކެތި، އުމުރުން 42 އަހަރުގެ އަޙްމަދު ޙުސައިންމަނިކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަމާން އުދަރެސް 4 ވަނަ ޓަވަރުގެ ޓެރެސް ސަރަހައްދުންނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުންނަށް އޭނާ ފެނިފައިވަނީ ފްލެޓުގެ އަރިމަތީގައި ހުރި ކޮޕާ ފަތިތަކެއް ނައްޓަން މަސައްކަތް ކުރަނިކޮށެވެ. އަދި ހައްޔަރުކުރިއިރު އޭނާގެ އަތުން އެކި ބާވަތުގެ ވަސީލަތްތަކާއި ޓޫލްސްތައް އަޅާފައިވާ ދަބަހެއް ފެނިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓުގައި ވާހަކަދައްކަމުން އަޙްމަދު ޙުސައިންމަނިކު ވަނީ އޭނާއަކީ ހެރޮއިން ބޭނުންކުރާ މީހެއްކަމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، މާލެ އަދި ހުޅުމާލޭގައި އޭނާ ދިރިއުޅޭނެ ނުވަތަ ނިދާނެ ވަކި ޚާއްޞަ ތަނެއް ނެތުމުގެ ސަބަބުން ރޭގަނޑު ނިދަނީ އެކި ތަންތަނުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ