ސަރުކާރުގެ އައު ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މާލެ ގެނެސްފި

ސަރުކާރުގެ އައު ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މާލެ ގެނެސްފި

Author
ޙަސަން މުޙައްމަދު
24 މާރޗް 2026 08:18
0

މާލެ ސަރަޙައްދުގައި ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މަޢުލޫމާތު ދެއްވި ގޮތުގައި، އަލަށް ގެނައި ޝިޕްމަންޓުގައި 60 ކާރު ހިމެނޭއިރު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ޝިޕްމަންޓްވެސް ގެނެވޭނެއެވެ. އަދި އަމާޒަކީ މި ހިނގާ މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ކުރީކޮޅު މި ޚިދުމަތް ރަސްމީކޮށް އާންމުންނަށް ދޫކޮށްލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ނިންމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހިދުމަތް ފޯރުކޮށްދިނުމާ ހަވާލުވެފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެހެން ފަރުމާކުރާ މި ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދައި ތަމްރީނުކުރުމުގެ މަސައްކަތާއި، ޚިދުމަތް ހޯދުމަށް ފަސޭހަކޮށްދޭ ޚާއްޞަ އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޚާއްޞަ ޓެކްސީ ލައިނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. އެގޮތުން މިކަމަށް ޚާއްޞަކޮށްގެން ގެނެސްފައިވަނީ މަޝްހޫރު ޗަންގަން އޮޓޮމޮބިލް ބްރޭންޑުގެ ތިން ސައިޒެއްގެ ކާރުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.