ދެ ޤައުމުގެ ގުޅުމާއި ސަރަޙައްދީ މަޞްލަޙަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެމެރިކާގެ މަންދޫބު ފުރާވަޑައިގެންފި

ދެ ޤައުމުގެ ގުޅުމާއި ސަރަޙައްދީ މަޞްލަޙަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެމެރިކާގެ މަންދޫބު ފުރާވަޑައިގެންފި

Author
ޙަސަން މުޙައްމަދު
24 މާރޗް 2026 12:35
0

އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި ޚާއްޞަ މަންދޫބު ސާޖިއޯ، ދިވެހި ސަރުކާރުގެ އިސް ވަޒީރުންނާ ބައްދަލުކުރެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ދެކުނު އަދި މެދުތެރޭ އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ސާޖިއޯ ވަނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުމާއި ސަރަޙައްދީ މަޞްލަޙަތާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިއަހަރަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުހިންމު އަހަރުކަން ފާހަގަކުރައްވައި، އިސްތިރާޖީ ގޮތުން ގުޅިގެން މަސައްކަތްކުރެވޭނެ އާ ދާއިރާތައް ހޯދުމުގެ މުހިންމުކަން ސާޖިއޯ ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި ސާޖިއޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް، އެ ބައްދަލުވުން ކުރިއަށް ގޮސްފައެއް ނުވެއެވެ. މިއާ ގުޅިގެން ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ރައީސް މުޢިއްޒު ވަނީ، އިސްރާއީލު ފިޔަވައި ކޮންމެ ޤައުމެއްގެ ވެރިޔަކަށްވެސް ރާއްޖެއިން މަރުޙަބާ ކިޔާނެ ކަމަށާއި، އެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ މަންދޫބާއެކު ދައްކަވާނެ ވާހަކައެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިތުރުން ސްރީލަންކާއަށްވެސް ސާޖިއޯ ކުރެއްވި ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި، ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއާވެސް ވަނީ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.