ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު މެޖޯރިޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފާފައި ނުވާކަމަށް އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، 19 ވަނަ މަޖިލީސް ނިމެން ކައިރިވެފައި ވަނިކޮށް އެމްޑީޕީން އެންޓި-ޑިފެކްޝަން ގާނޫނު ފާސްކުރީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން އެ ޕާޓީއަށް ގިނަ ގޮނޑިތަކެއް ލިބޭނެކަމަށް ހީކޮށް، މެމްބަރުން ޕާޓީ ބަދަލުކޮށްފާނެތީއެވެ. ނަމަވެސް އެ ގާނޫނު ފާސްކޮށްފައިވަނީ އެއްވެސް އޮއްޓަރެއް ނެތް، "މޮހަނަށް އޮޑިދޭ" އުސޫލުން ކަމަށާއި، ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭކަން ނުވަތަ ނޫންކަންވެސް އެ ގާނޫނުން ސާފުނުވާކަމަށް އޭނާ ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ފަލާހު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ޕީއެންސީން ކުރާ މަސައްކަތަކީ ގައުމަށް ނުހަނު ފައިދާހުރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވީ، ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެއްޖެނަމަ، އޭރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކު އުޅުއްވާނީ ރިޔާސީ ކެމްޕެއިންގައި ކަމަށްވުމުން، މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެގެންދާނެކަމެވެ. އަދި މަޖިލިސް މެމްބަރުންވެސް އުޅުއްވާނީ އެބޭފުޅުންގެ އަމިއްލަ އިންތިހާބީ މަސައްކަތުގައި ކަމަށްވުމުން، މިއީ ރައްޔިތުންނަށް އެންމެ ހަމަޖެހޭ އަދި ފައިދާހުރި ގޮތްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ