މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުޑަކުރުމަށް ފަތުރުވެރިކަމުގެ މާކެޓިން ވަރުގަދަ ކުރަނީ

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުޑަކުރުމަށް ފަތުރުވެރިކަމުގެ މާކެޓިން ވަރުގަދަ ކުރަނީ

Author
ޙަސަން މުޙައްމަދު
14 މާރޗް 2026 10:24
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، މާކެޓިން ހަރަކާތްތައް ވަރުގަދަކޮށް އެ ގެއްލުން ފޫބެއްދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބުކިންތައް ކެންސަލްވަމުން ދަނީ ހިނގަމުންމިދާ މާރިޗު މަހާއި އޭޕްރީލް މަހަށް އެކަނި ކަމަށާއި، އޭގެ ފަހުން ބުކިންތައް އިތުރުވަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދެ މަހުގެ ތެރޭގައި އައިސްފައިވާ ދަށްވުން ހައްލުކުރުމަށްޓަކައި، އިތުރު ފީއަކާ ނުލައި ބުކިން ބަދަލުކުރެވޭނެ އިންތިޒާމު ގިނަ ރިސޯޓުތަކުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މީގެ ސަބަބުން ގިނަ ބަޔަކު ދަތުރުތައް އެއްކޮށް ކެންސަލް ކުރުމުގެ ބަދަލުގައި ތާރީޚުތައް ފަސްކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމްބަސީތަކާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ ބޮޑެތި މާކެޓުތަކަށް އަމާޒުކޮށްގެން އަންނަ މަހުގެ ކުރީކޮޅު ޕްރޮމޯޝަނަލް ހަރަކާތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަޙައްދު ބަންދުކުރުމުން، އެ މަގުން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ވަނީ ކެންސަލްވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 3000 އެއްހާ މީހުން އަންނަނީ މެދުއިރުމަތީގެ ޓްރާންސިޓް މަގުންނެވެ. އެހެންކަމުން، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން މިހާރު މަސައްކަތް ކުރަމުން ދަނީ މި ދަނޑިވަޅުގައި ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.